ދިވެހިރާއްޖެ

ދިވެހިރާއްޖެ

salaam

salaam

Sunday, May 1, 2016

...ދިވެހިންގެ ދިގު ތާރީޚުގެ ތެރެއިން

ދިވެހިރާއްޖޭގެ ތާރީޚާއި، އާސާރީ ތަންތަން
ތަޢާރަފު

ޤައުމެއްގެ ތާރީޚަކީ ދިރިތިބީންނަށާއި އަންނަންއޮތްޖީލުތަކަށް ޢިބުރަތްތެރި ފިލާވަޅު ތަކެއްގެ ގޮތުގައި ފޯރުކޮށްދެވޭ އަގުނުކުރެވޭފަދަ މަތިވެރި "ތަރިކަ" އެކެވެ. އެފަދަ ކަންތައްތަކުން ޙާޞިލްކުރަންޖެހޭ ޢިބުރަތްތެރި ފިލާވަޅު ތަކެކެވެ. އެހެންކަމުން ތާރީޚުގައި ހިނގާފައިވާ ޙާދިސާތަކާއި، އެކަންކަމާއި ގުޅުންހުރި ކަންތަކާއި ތަންތަނަކީ މިއަދާއި މާދަމާގެ ޖީލުތަކަށް އަގަކުން ނުވަތަ ފައިސާގެ ނޫޓުތަކަކުންވިޔަސް އަގު ނުކުރެވޭފަދަ މަތިވެރި ހަނދާން ތަކަކާއި ޢިބުރަތްތަކެއް ފޯރުކޮށްދޭނެ ތަންތަނާއި ތަކެއްޗެވެ. ދިވެހިންގެ އަމިއްލަ ވަންތަކަންކަމެވެ. މަސައްކަތް ތެރިކަމެވެ. ކާބަފައިންގެ މަތިވެރި ޖިހާދުތަކާއި އެކަންކަމާއި ގުޅިފައިވާ މާއްދީ ތަކެއްޗެވެ. ދިވެހިންގެ އެންމެ އެވޭލާޒަމާނުގެ ޤަދީމީ އާސާރުތަކެވެ. އެހެންކަމުން މިތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް ވާޖިބެކެވެ. ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. މިގޮތުން މިރިޕޯޓަކީ ދިވެހިންގެ ތާރީޚާއި ،ދިވެހިންގެ އާސާރީ ތަންތަނާއި އެފަދަ ތަންތަން ރައްކާތެރިކޮށް ހިމާޔަތް ކުރަންޖެހޭ ސަބަބުތަކަށް ބަލާލެވިފައިވާ ރިޕޯޓެކެވެ.
އެހެންކަމުން ތާރީޚުގައި ހިނގާފައިވާ ޙާދިސާތަކާއި، އެކަންކަމާއި ގުޅުންހުރި ކަންތަކާއި ތަންތަނަކީ މިއަދާއި މާދަމާގެ ޖީލުތަކަށް އަގަކުން ނުވަތަ ފައިސާގެ ނޫޓުތަކަކުންވިޔަސް އަގު ނުކުރެވޭފަދަ މަތިވެރި ހަނދާންތަކަކާއި ޢިބުރަތްތަކެއް ފޯރުކޮށްދޭނެ ތަންތަނާއި ތަކެއްޗެވެ. ދިވެހިންގެ އަމިއްލަ ވަންތަކަންކަމެވެ. މަސައްކަތް ތެރިކަމެވެ. ކާބަފައިންގެ މަތިވެރި ޖިހާދުތަކާއި އެކަންކަމާއި ގުޅިފައިވާ މާއްދީ ތަކެއްޗެވެ. ދިވެހިންގެ އެންމެ އެވޭލާޒަމާނުގެ ޤަދީމީ އާސާރުތަކެވެ. އެހެންކަމުން މިތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް ވާޖިބެކެވެ. ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. މިގޮތުން މިރިޕޯޓަކީ ދިވެހިންގެ ތާރީޚާއި ،ދިވެހިންގެ އާސާރީ ތަންތަނާއި އެފަދަ ތަންތަން ރައްކާތެރިކޮށް ހިމާޔަތް ކުރަންޖެހޭ ސަބަބުތަކަށް ބަލާލެވިފައިވާ ރިޕޯޓެކެވެ.



ދިވެހިންނާއި ތާރީޚް
      ލިޔެވިފައިވާ ދިގު ތާރީޚެއް ނެތް ނަމަވެސް ދިވެހިންނަކީ ޤަދީމީ ތާރީޚެއް އޮތް މިނިވަން ބަޔެކެވެ. ދިވެހިންގެ ތެރެއިން ފެންނަންހުރި ޤަދީމީ އާސާރު ތަކުންނާއި މީސްމީހުންގެ ދޫދޫމަތިން ދެކެވެމުން އައިސްފައިވާ ވާހަކަތުގެ އަލީގައި ދިވެހިންގެ ތާރީޚް ފެށެނީ މީގެ އެތަކެއްސަތޭކަ އަހަރު ކުރިންނެވެ. އެޗް.ސީ.ފީ ބެލްގެ މޮނޮގްރާފާއި ހަވާލާދެއްވައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު (1990) ބަޔާންކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގައި މީހުން އާބާދުވާންފެށީ ޢީސާގެފާނުގެ ކުރިން، ފަހެއް ނުވަތަ ހަވަނަ ގަރުނުގައެވެ. ނަމަވެސް ދިވެހިރާއްޖޭގައި މީހުން އުޅެންފެށީ ކޮންތާރީޚެއްގައިކަން ކަނޑައެޅިގެން ނޭގުނަސް ދެހާސްފައްސަތޭކައަހަރު ކުރިން ރާއްޖޭގައި މީހުންއުޅެން ފަށާފައިވާކަމަށް ނަސީމާ މުޙައްމަދު (2013) ވިދާޅުވެފައިވެއެވެ. އެހެންކަމުން ދިވެހި ތާރީޚުގެ މިމުހިއްމު ޞަފުޙާތައް މިއަދުގެ ޖީލާއި ހަމައަށް ފޯރު ކޮށްދިނީ މިފަސްގަނޑުން ފެނިފައިވާ ޤަދީމީ އާސާރު ތަކުންނެވެ.

      ދިވެހިރާއްޖޭގައި ފުރަތަމަ އަހުލުވެރިންނާއިމެދު ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެއެވެ. މިގޮތުން ނަސީމާ މުޙައްމަދު އާއި ހަވާލާ ދެއްވައި އަބްދުﷲ ޢިމްރާން، (2011) ހާމަކުރައްވާ ގޮތުގައި ރާއްޖޭގައި ފުރަތަމަ ދިރިއުޅެން ފަށާފައިވަނީ މަލަބާރު ކަރައިގެ މަސްވެރިންނެވެ. އެޗް.ސީ.ފީ ބެލްގެ މޮނޮގްރާފާއި ހަވާލާދެއްވައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު، (1990) ހާމަކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަން ވެރިންނަކީ އާރިޔަން ދަރިކޮޅުގެ މީހުންނެވެ. ނަމަވެސް ނަސީމާ މުޙައްމަދު، (2013) ވިދާޅުވާ ގޮތުގައި އިންޑިޔާ ކަނޑު ހުރަސްކޮށް އުތުރު ކަރައަށާއި މެދުއިރުމައްޗައް ނާފަހަރު ދަތުރުކުރަން ފެށީއްސުރެން ރާއްޖޭގައި މީހުންއުޅެން ފަށާފައިވާނެއެވެ. އެހެންކަމުން ދިވެހިންގެ ނަސްލު (ދިވެހި ތާރީޚް) ފެށިފައިވަނީ ކަނޑައެޅިގެން ކޮން ހިސާބަކުންކަން އެނގޭކަށް ނެތެވެ.

      ދިވެހި ފަސްގަނޑުގައި ފުރަތަމަ އާބާދުވި މީހުންނަކީ ފަންނުވެރި ހުނަރުވެރި ބައެކެވެ. ދިވެހި ބިމުގައި މިއަދާއި ހަމައަށް ރައްކާތެރި ކަމާއިއެކު ބެލެހެއްޓެމުންދާ ބިނާތަކުން މިކަންތައް އެނގިގެންދެއެވެ. ދިވެހިންގެ އެންމެ އެވޭލާ ޒަމާނުގެ ފަންނުވެރިކަމާއި ހުނަރު ދައްކުވައިދޭ ދާގަބާތަކާއި ވޭރުފަދަ ތަންތަނުންނެވެ. މިފަދަ ތަންތަނަކީ ދިވެހިން އެވޭލާ ޒަމާނުގައި އަޅުކަން ކުރުމަށް ބޭނުންކުރި ތަންތަނެވެ. މި ތަންތަން އިމާރާތް ކުރެވިފައިވާ ގޮތުންނާއި އިމާރާތް ތަކުގައި ބިންވަޅުނަގައި ކުރެވިފައިވާ މަސައްކަތްތަކުން ދިވެހިންގެ ޤަދީމީ ތާރީޚް ސާފުކޮށް ދައްކުވައިދެއެވެ. ދާގަބާތަކާއި ވޭރުތަށް ފަރުމާކުރެވި އިސްޓޫޕާތަކާއި މިތަންތާގައި ބޭނުންކުރެވޭ ބުދު، ކުރަނޑި ފަދަތަކެތިން ދިވެހިންގެ ތެރޭގައިއޮތް މައިގަނޑު ދީނީ އާދަކާދަތައް އެއްގޮތްވަނީ ހިންދޫދީނުގެ އާދަތަކާދަ ތަކާއެވެ (ޢަބްދުﷲ ޢިމްރާން، 2011). ހަމަމިއާއިއެކު އިރާއި، ހަނދާއި، ތަރި އަދި އަލިފާނާއި އަދިވެސް މިފަދަ އެތަކެއް އެއްޗެއްސަށް ދިވެހިން އަޅުކަން ކޮށްފައިވާކަމަށް ތާރީޚުން ހެކިލިބޭކަމަށް ޢަބްދުﷲ އިމްރާން ވިދާޅުވެފައި ވެއެވެ.

       ދިވެހި ތާރީޚުގެ ފަތްފުއްތަށް ޖާހިލިއްޔަތުގެ އަނދިރީގައި ނިއުޅެމުން ފުރޮޅެމުންގޮސް އިސްލާމީނޫރު ދިވެހިޤައުމުން ދިއްލިގެން އަލިވެގެންދިޔައީ މީލާދީން 1153 ގައެވެ (އަޙުމަދު ހަމީދު އާދަމް، 2015). އެދުވަސްވަރު ރާއްޖޭގެ ތަޚުތުގައި އިންނެވީ ތީމުގޭ ދަރިކޮޅުން ވަޑައިގެންނެވި ދެވަނަ ރަދުން ސިރީ މަހާބަރަނަ މަހާރަދުންނަށް ބޮޑުބޭބޭފުޅު ވިދާޅުވާ ބޭފުޅެއް ކަމުގައިވާ ދޮމިވި ކަލަމިންޖާއެވެ (ނަސީމާ މުޙައްމަދު، 2011). މިރަދުން އިސްލާމުވެ ވަޑައިގަތުމަށްފަހު ނަންފުޅަކީ އައްސުލްޠާން މުޙައްމަދު އިބްނު ޢަބްދުﷲ ސިރީ ތްރިބު ވަނަ އާދީއްތަ މަހާރަދުން (ދަރުމަވަންތަ ރަސްގެފާނު) ކަމަށް ނަސީމާ މުޙައްމަދު (2013) ވިދާޅުވެފައި ވެއެވެ. މިފަދަ މާތް މަތިވެރިކަމެއް މިދިވެހިރާއްޖެއަށް ގެނެސްދިން ބޭކަލަކާއިމެދު ބައެއް މުޙައްރިރުންގެ ޚިޔާލު ތަފާތެވެ. ނަމަވެސް ދަރުމަވަންތަ ރަސްގެފާނު ރާއްޖޭގައި ބިނާ ކޮށްދެއްވި ފުރަތަމަ ހުކުރުމިސްކިތް އަލުން އާކުރައްވާ މިސްކިތައް ޝިހާބުއްދީން އެރުއްވި ފިލާގައިވަނީ ރާއްޖެ އިސްލާމް ކުރެއްވި ބޭކަލަކީ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީއެވެ. ނަމަވެސް އިސްކަންދަރު ރަސްގެފާނު އަލުން ލިޔުއްވި ފިލާގައިވަނީ އަބުލްބަރަކާތު އައްތިރުބިޒީ ކަމަށެވެ (މުޙައްމަދު ވަހީދު ނަދުވީ، 2008). އެހެންކަމުން ދިވެހިންގެ ޤަދީމީ ތާރީޚުގެ ގިނަ ޞަފުހާތަކެއް މިއަދާއި ހަމައަށް އައިސްފައިވަނީ ދޫދޫ މަތިންނެވެ. ނުވަތަ މިފަދަ ފިލާ ތަކުގަޔާއި ތާރީޚީ ލޯމާފާނު ތަކުންނެވެ.

      ދިވެހިތާރީޚު ހެކިދޭ ގޮތުގައި ދިވެހިރާއްޖެއަކީ އެކިފަހަރުމަތިން ބޭރުމީހުންގެ އަތްދަށަށްގޮސް ނަފްސާނީ އަދި ޖިސްމާނީ  ބޮޑެތި އަނިޔާތަކާއި ނާމާންކަން މިވަޠަނުން އިޙުސާސް ކޮއްފައިވާ ބައެކެވެ. އެގޮތުން "ޕޯޗުގީޒުންގެ ދުވަސްވަރަކީ ދިވެހިރާއްޖެ ދުށް ވަރަށް ބިރުވެރި ނާމާން ދުވަސްވަރެކެވެ" (ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، 2005މ). މިފަދަ ބިރުވެރިކަމެއްގެ ތެރޭގައި ދިވެހިން 15 އަހަރު ތަޙައްމަލު ކުރިއެވެ. ހަމައެއާއެކު މަލަބާރީންނަކީވެސް މިފަދަ ގޮތަކަށް ރާއްޖެ ހިފިބަޔެކެވެ. ފަހުގެ ތާރީޚެއްގައި 3 ނޮވެމްބަރ 1988 ގައި ތަމަޅަ ޓައިގަރުންގެ ޖަމާޢަތަކުން ވެސް ދިވެހިރާއްޖެ ހިފަން ޓެރަރިސްޓު ޙަމަލާ ތަކެއްދީ މަސައްކަތް ކޮށްފައިވާކަން ދިވެހި ތާރީޚުން ވަރަށްރަނގަޅަށް ހާމަކޮށްދީ ފައިވެއެވެ. އެހެންކަމުން މިފަދަ ކޮންމެފަހަރަކު ރާއްޖޭގެ އެތައްބައެއްގެ ލޭ ބިންމައްޗަށް އޮހޮރިގެން ދެއެވެ. ހަމައެހެންމެ ކޮންމެފަހަރަކުވެސް މިވަޠަން އެހެންބައެއްގެ އަތްދަށު ވެފައިވަނީ ދިވެހިންގެ ތެރޭގައި ތިބި ޢައްދާރު ވެފައިވާ ޚާއިނުންގެ ބަޔަކާއި ހެދިކަން ދިވެހި ތާރީޚު ހެކިދެއެވެ. މިފަދަކަންތައްތައް ދިވެހި ތާރީޚުގައި ހިނގާފައިވުމުން އަންނަންއޮތް ޖީލުތަކަށް ޢިބުރަތްތެރި ފިލާވަޅުތަކެއް ފޯރުކޮށްދީ ދިވެހިތާރީޚު ހެޔޮގޮތުގައި ބޭނުން ކުރަންޖެހެއެވެ.

ދިވެހިންގެ އާސާރުތައް

     ދިވެހިރާއްޖޭގައި ހުރި އާސާރުތަކަކީ އަޅުގަނޑުމެންގެ ޘަޤާފަތާއި ތާރީޚް ދައްކުވައިދޭ އެއްވަޞީލަތެވެ. ޤަދީމީ ކާބަފައިން އަޅުކަން ކޮށްފައިވާ ތަންތަނާއި ތަކެއްޗަކީ ޤަދީމީ ތާރީޚެވެ. ދިވެހިންގެ މަތިވެރި ޖިހާދުތަކާއި ގުޅިފައިވާ ތަންތަނަކީ ދިވެހި އަބްޠާލުންގެ މަތިވެރި ޒިކުރާ އާވެގެންދާ ތަންތަނެވެ. އަދި ބައެއް ތަންތަނަކީ ދިވެހިންގެ މުޤައްދަސް ހަދާންތަކެއް ރައްކާކުރެވިފައިވާ ތަންތަނެވެ. މިގޮތުން އަޅުގަނޑުމެންގެ ޤަދީމީ ކާބަފައިންނާއި ގުޅިފައިވާ ބައެއް ތަންތަނުގެ ތެރޭގައި ދާގަބާ، ސްޓޫޕާ، ވިހާރަ، ޕިރުވޭނާ އަދި ވޭރުފަދަ ތަންތަން ހިމެނިފައިވެއެވެ (ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރު، 2008). އެގޮތުން ދިވެހިރާއްޖޭގައި ހުރި އާސާރީ ބައެއް ތަންތަން ފާހަގަ ކޮއްލަމެވެ. ހއ. ބާރަށުގައި ހުރި އާސާރީ މިސްކިތާއި މުންނާރު، އާސާރީ ވަޅު، ކަޅުއޮށް ފުންމި ބެންނެވިތަން، ހއ. އުތީމުގައި އުތީމު ގަނޑުވަރު، ބަޑިފަސްގަނޑު، ކަނދުވަލު މިސްކިތް، ހއ. ކެލާގައި ހުކުރު މިސްކިތާއި މުންނާރު، ދެވަނަ ބޮޑުހަނގުރާމައިގައި ބޭނުންކުރި ބަޑިގޭގެ ފާރާއި ބައެއް ޒަމާންވީ ތަކެތި، ހއ. އިހަވަންދޫގައި ހިރިގަލު މިސްކިތާއި މަހާނައެއް، ހއ. ތަކަންދޫގައި ޢަލިތަކުރުފާނުގެ ޒިޔާރަތް، ނ. ލަންދޫގައި މާބަދިގެ ހައިތަ، ނ. މިލަދޫ ރެދިންގެ ގައުފުންޏާއި އުސްގަނޑު، ބ. ފުޅަދޫގައި ކޯރބިން (ޕިރާރޑް ދަތުރުކުރި ނައު)، ބ. ކެންދޫގައި ތަބްރޭޒުގެފާނަށް ނިސްބަތްވާ މަޤާމްފުޅެއް، ކ. ކާށިދޫގައި ކުރުހިންނަ ތަރާގަނޑު، ކ. ގުރައިދޫގައި ވަލުމިސްކިތާއި ހުސައިން ފާމުލަދޭރި ކިލެގެފާނުގެ ޒިޔާރަތް، ކ. ހުރާގައި ދޮންބަންޑާރައިން ބިނާކުރެއްވި މިސްކިތް، އަދި މާލޭގައި ދަރުމަވަންތަ ރަސްގެފާނު މިސްކިތް، ޢީދު މިސްކިތް، ހެންވޭރު ބާ މިސްކިތް (ސީދީ މިސްކިތް)، ކަޅުވަކަރު މިސްކިތް، ބިހުރޯޒް މިސްކިތް، މެދުޒިޔާރަތް، ޢަލީރަސްގެފާނު ޒިޔާރަތް، މާލޭ ހުކުރު މިސްކިތާއި އެމިސްކިތުގެ މުންނާރު، ކ. ފޮނަދޫގައި ޝަހީދުވި އުތީމު ޢަލީތަކުރުފާނުގެ އިސްތަށިފުޅު ވަޅުލެވިފައިވާ މަހާނަ، އއ. ތޮއްޑޫ ދާގަބާ، އދ. އަރިއަދޫ ހައިތަ (މިހާރު މިތަން ފެންނާކަށްނެތް)، އދ. ފެންފުށީ ހުކުރު މިސްކިތާއި، ކުޑަމިސްކިތުގެ ގައުގަނޑު އަދި އާސާރީވެޔޮ، މ. ކޮޅުފުށީ ޢާޒީ މިސްކިތް، ލ. ދަނބިދޫ ބޮޑު ބުދުކޯލް، ލ. ގަމު ހައްތެލި، އެއަތޮޅު އިސްދޫ ބޮޑުހައްތެލި، ކުޑަހައްތެލި، އިސްދޫ އާސާރީ މިސްކިތް ހަމައެރަށު ބޭސްކުޅި ފަދަ އާސާރީ ގިނަތަންތަން ދިވެހިރާއްޖޭގައި ހުރިކަން ތާރީޚުންނާއި އެތަންތަން ބަލާލުމުން އެނގިގެން ދެއެވެ. މިތަންތަނުގެ ތެރެއިންވެސް ފާހަގަ ކޮށްލެވިފައި މިވަނީ ބައެއް ބިނާތަކުގެ ނަންނަމެވެ. އެގޮތުން ދިވެހިން އޭރު އަޅުކަންކުރި ބައެއް ބިނާތަކާއި ބެހޭގޮތުން އަލިއަޅުވާ ލާނަމެވެ.

v     ދާގަބާ:- ދާގަބާއަކީ އެވޭލާ ޒަމާނުގައި ކާބަފައިން އަޅުކަން ކުރުމަށްޓަކައި ވަކިގޮތަކަށް ބައްޓަންކުރެވިގެން ހެދިފައިވާ ޤަދީމީ ބިނާތަކެވެ. އޭރުގެ ދިވެހިން ފަރުމާކޮށްފައިވާ މިބިނާތައް ހަދާފައިހުރީ ހިންދޫދީނާއި ބުދުދީނުގެ މީހުން އަޅުކަން ކުރާ ތަންތަނާއި ދާދީ އެއްގޮތް ސިފަ ތަކަކަށެވެ. ޙަބީބާ ޙުސައިން ޙަބީބު (1984) ހާމަ ކުރައްވާފައިވާ ގޮތުގައި ޤަދީމީ ތާރީޚް ދައްކުވައިދޭ ބިނާތައް ފެނިފައިވަނީ ސިލޯނު ސަރުކާރާއި ދިވެހިސަރުކާރާއި ގުޅިގެން 1922މ. ވަނަ އަހަރު ފެއްޓެވި ތާރީޚީ ޚާއްސަ މަސައްކަތް ތަކަކުންނެވެ. މިދިރާސާ މަސައްކަތުގައި އިސްކޮށް ޙަރަކާތްތެރިވީ ދިވެހިތާރީޚް ލިޔުންތެރިޔާ މަޝްހޫރު އެޗް.ސީ.ފީ.ބެލް ކަމަށް ޙަބީބާ ޙުސައިން ޙަބީބު ވިދާޅުވިއެވެ. ނަސީމާ މުޙައްމަދު (2007) ހާމަ ކުރައްވާފައިވާ ގޮތުގައި އެޗް.ސީ.ފީ ބެލް ރާއްޖޭގެ ބިންތަން ކޮނެގެން ދިރާސާ ކުރަމުންދިޔަ ދިއުމުގައި، އެވޭލާ ޒަމާނުގައި ދިވެހިން އަޅުކަންކޮށް އުޅުނުކަމަށް ބެލެވޭ ހިންދުވިޒަމާއި ބުޑިޒަމުގެ ސިފަ އެކުލެވިފައިވާ ދާގަބާތަކާއި ހަވިއްތަތަކާއި ތަރާގަނޑުތަކާއި ވޭރުތަށް ރާއްޖޭގެ އެކިސަރަޙައްދު ތަކުން ފެނިފައިވެއެވެ.

v     ސްޓޫޕާ:- ސްޓޫޕާއަކީވެސް ރާއްޖޭގެ އަހުލުވެރިން އަޅުކަންކޮށް އުޅުނުތަނެކެވެ. މިތަންވެސް ފަރުމާ ކުރެވިފައިވަނީ ދާގަބާއާއި ދާދި އެއްގޮތަކަށެވެ (ނަސީމާ މުޙައްމަދު (2007). މިތަން ބިނާ ކުރެވިފައިވަނީ ތިރިއަށް ފަލަކޮށް މައްޗަށް ހިމަކޮށް ވަށް ބައްޓަމަކަށެވެ (ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރު، 2008).

v     ވިހާރަ:- ވިހާރަ ޢިމާރާތް ކުރެވިފައިވަނީ އަޅުކަންކުރާ މައި ކިއްލާ ތެރޭގައެވެ. ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރު (2008) ހާމަކުރައްވާ ގޮތުގައި ވިހާރަ ބިނާ ކުރެވިފައި ވަނީ މިފަދަ އެހެން ތަންތަނާއި ޚިލާފަށް ހަތަރެސް ކަނަށެވެ. ސްޓޫޕާއި ވިހާރައިގެ ތަފާތަކީ ސްޓޫޕާއި ދާގަބާއަކީ ވަށް ބައްޓަމަކަށް ބިނާ ކުރެވިފައިވާ ތަންތަންކަމަށް ވާތީއެވެ.

v     ޕިރުވޭނާ:- މިއީވެސް އަޅުކަމުގެ ކިއްލާތެރޭގައި ވާތަނެކެވެ. މިތަން އާންމު ގޮތެއްގައި ބޭނުންކުރަނީ ހާމުދުރުންނާއި އެމީހުންގެ އާއިލާ ދިރިއުޅުމަށެވެ.

v     ވޭރު:- ވޭރަކީ އަޅުކަމުގެ ހުރިހާ ބައެއް ހިމެނޭ މުޅި ސަރަޙައްދެވެ. ނުވަތަ މުޅި ކިއްލާއެވެ. ދާގަބާ، ސްޓޫޕާ، ޕިރްވޭނާތަށް ޢިމާރާތް ކުރެވިފައިވަނީ މިފަދަކިއްލާ ތަކުގެ އެތެރޭގައެވެ.

ދިވެހިންގެ ޤަދީމީ އާސާރުތަކާއި ޚިލާފަށް ދިވެހި ބަޠަލުންނަށް ނިސްބަތްވާ އާސާރުތަކަކީ އެންމެހާ ދިވެހިންވެސް އެތަނަކަށް ޚާއްޞަ ލޯތްބަކާއި ޤަދަރެއް ދީފައިވާ ތަންތަނެވެ. އެގޮތުން އުތީމު ގަނޑުވަރާއި، މާލޭ ހުކުރު މިސްކިތަށް ބަލާލަމެވެ.

v     އުތީމު ގަނޑުވަރު:- އުތީމު ގަނޑުވަރަކީ ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ އާއިލާ ދިރިއުޅުއްވި ގެކޮޅެވެ. މި ގެކޮޅަކީ މުޙައްމަދު ތަކުރުފާނުގެ ހަނދާންތައް އަދިއަދަށް ދާންދެންވެސް އާވެއާލާ ވަމުންދާ ތަނެކެވެ. އެ ގެކޮޅުގައިވާ ޕިންކް ހޯލަކީ ދިވެހިންނާއި ފަތުރުވެރިންނާއި އަދި އެތަކެއް ބައެއްގެ ލޯއަމާޒު ކުރެވިފައިވާ ތަނެކެވެ (އުތީމު، 2011).

v     މާލޭ ހުކުރު މިސްކިތް:- އިސްލާމީ ދަންމަރުން ދިވެހި ޖައްވު އަލިވެގެން ދިޔަހިނދު ރާއްޖޭގައި އިސްލާމްދީން މަތިވެރި ކުރުމަށާއި ދީން ކުރިއަރުވައި އަޅުކަން ކުރާނެ މިސްކިތްތަކެއް އެޅިގެން ދިޔައެވެ. އޭގެތެރެއިން މާލޭގެ ހުކުރު މިސްކިތަކީ މިގޮތުން ފާހަގަ ކޮއްލެވޭ މިސްކިތެކެވެ. ދިވެހިންގެ ފަންނުވެރިކަމާއި ހުނަރުވެރިކަން މި މިސްކިތުން ފެނިގެންދެއެވެ. މާލޭގެ ހުކުރު މިސްކިތަކީ މީގެ ޤަރުނުތަކެއް ކުރިން ބިނާ ކުރެވިފައިވާ ތަނެކެވެ. މާލޭގެ ހުކުރު މިސްކިތް ބިނާކުރެއްވީ 1656 ގައި ކަމަށް އަޙުމަދު ޢަބުދުﷲ ސަޢީދު (2007) ހާމަ ކުރައްވާފައިވެއެވެ. މާލޭގެ ހުކުރު މިސްކިތަކީ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް މަސައްކަތް ކުރަމުންދާ މިސްކިތެކެވެ.

ދިވެހިންގެ އާސާރީ ތަރިކަތަކާއި ވާހަކަތަކަކީ އަޅުގަނޑުމެން އެންމެންވެސް އަންނަންއޮތް ޖީލުތަކަށް ފޯރުކޮށް ދޭންޖެހޭ މަތިވެރި ދަރުސެކެވެ. އެހެންކަމުން މި ފިލާވަޅުތައް މިއަދުގެ ޒުވާނުންނަށާއި ކުޑަކުދިންނަށް އަންގައިދޭން ޖެހެއެވެ. އާސާރީ ތަރިކަތަކާއި ތާރީޚްގެ މުހިންމުކަން ވިސްނުވައިދޭން ޖެހެއެވެ.

ތާރީޚާއި ގުޅިފައިވާ އާސާރީ ތަކެތި ހިމާޔަތްކުރުމުގެ މުހިއްމުވަނީ ކީއްވެ؟

     އަޅުގަނޑުމެންގެ ރާއްޖެއަކީވެސް ދިގުތާރީޚަކާއި މުއްސަދި ޘަޤާފަތެއް އޮތް ޤައުމެކެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ކިބައިން ވާރުތަވަމުން އައިސްފައިވާ އަގުމާތް ތަރިކަތަކުގެ މިލްކު ވެރިބަޔަކީ އަޅުގަނޑުމެން ދިވެހިންނެވެ. އެހެންކަމުން ފަތުރުވެރިކަމާއި އިޤްތިޞާދާއި އަދި އިޖުތިމާޢީ ގޮތުން މިހާބޮޑަށް ކުރިއަރައިފައިވާ ދުނިޔެއެއްގައި ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ހުރި މިފަދަ އާސާރީ ތަންތަނާއި ތަކެތި ޙިމާޔަތްކޮށް ރައްކާތެރި ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސަބަބުތައް ގިނަގުނައެވެ. ހުޅުވާލެވިފައިވާ ދުނިޔެއަށް އަޅުގަނޑުމެންގެ އައިޑެންޓިޓީއާއި ދިވެހިންގެ ޘަގާފަތާއި، ތާރީޚް ވަޒަންކޮށްދިނުމެވެ. ހަމައެއާއެކު އަޅުގަނޑުމެންގެ މިތަރިކަތައް އަންނަންއޮތް ޖީލަށް ވާޞިލު ކޮށްދިނުމެވެ. ދިވެހިންގެ ފެށުން އައިސްފައިވަނީ ކިހިނެއް ކޮންގޮތަކަށްކަން އަންގައި ދިނުމެވެ. ދިވެހި ތާރީޚަށްޓަކައި ލޯތްބާއި އިޙްތިރާމު އަދާކުރާ ޖީލެއް އުފެއްދުމުގެ ބޭނުމުގައެވެ. ދިވެހިންގެ ޤަދީމީ އާސާރުތަށް ހިމާޔަތްކުރާނެ ބަޔަކު އުފެއްދުމަށެވެ. ކޮންމެއަކަސް އެތަނެއްގެ ފަޚުރާއި ޝަރަފު ހިމާޔަތްކުރާނީ އެތަނެއްގެ އަހުލުވެރިންނެވެ. އެހެންކަމުން އަޅުގަނޑުމެންގެ ކާބަފައިންގެ ހަނދާންތައް ހިމާޔަތް ކުރުމަކީ ކޮންމެ ދިވެހި ދަރިއެއްގެ ޒިންމާއެކެވެ.



ރިފަރެންސް
1.      ނަސީމާ މުހައްމަދު. (2013). ރާއްޖޭގެ ފުރަތަމަ އިސްލާމީ ރަސްކަލުގެ ތާރީޚީ ވާހަކަ. ނެގީ
      އެޕްރިލް 14، 2015، ހަވީރު.ކޮމް.އެމްވީ.
2.      މާލޭ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒް. (1990). ދިވެހި ތާރީޚަށް އައުއަލިކަމެއް. މާލެ،
      ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު.
3.      ޢަބްދުﷲ އިމްރާން. (2011). އިންޑަސްވާދީގެ ރައްވެހިކަމާއި ދިވެހިން. ނެގީ އެޕްރިލް 14، 2015،
4.       އަޙުމަދު ހަމީދު އާދަމް. (2015). ދިވެހިން އިސްލާމު ކަންމަތީ 887 އަހަރު. ނެގީ އެޕްރިލް 14، 2015،
      http://www.vnews.mv/35083 ން.
5.      ނަސީމާ މުޙައްމަދު. (2011). ދަރުމަވަންތަ މަހާރަދުން:އިސްލާމު ދިވެހިރާއްޖޭގެ ބައްޕަ. ނެގީ އެޕްރިލް 14، 2015،
6.      މުޙައްމަދު ވަހީދު ނަދުވީ. (2008). ރާއްޖެ އިސްލާމްވުން. ފަތްތޫރަ، 25،(352). 23-25.
7.      އެޑްމިނިސްޓްރޭޓަރ. (2011). އުތީމު ގަނޑުވަރު (1). ނެގީ އެޕްރިލް 14، 2015،
8.      ދިވެހިރާއްޖޭގައި ހުރި އާސާރީ ތަންތަނުގެ ލިސްޓް. (އ.ނ). ޤައުމިއްޔަތު. ނެގި އެޕްރިލް 14، 2015،
9.      ނަސީމާ މުޙައްމަދު. (2013). ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން (އެއްވަނަ ބައި). ނެގީ އެޕްރިލް 14، 2015،

No comments:

Post a Comment